ވާވު ފުޓްސަލް ޗެމްޕިއަންކަން ފެލިދުއަށް

17 ނޮވެމްބަރ 2025 - 13:32

ވ.އަތޮޅު ފުޓްސަލް މުބާރާތުގެ ފައިނަލަށް ފެލިދޫ ދަތުރުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލުގައި ފެލިދޫ ވާދަކުރީ މުބާރާތުގެ ސެމީފައިނަލުން މޮޅުވި ފުލިދޫއާއެވެ. ފޯރިގަދަ، ނޭވާހިފަހައްޓާލަން ޖެހުނު ފައިނަލް މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ރީތި ބަލާހިތްވާ ކުޅުމެއް ފެނުނެވެ. މެޗުގެ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ފެލިދޫ ޓީމުގެ އަލީ އަލްސަން ގޯލް ޖެހިއެވެ. ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓްގައި ފެލިދޫއަށް ލިބުނު ހިލޭ ޖެހުމަކުން އަލީ އަލްސަން ޖަހައިދިން ގޯލުން ފެލިދޫން ލީޑް ފުޅާކުރިއެވެ. މި ނަތީޖާއެކު ފެލިދޫއަށް ހަމަޖެހިނުލެވެނީސް ފުލިދޫން އެ ޓީމްގެ ފުރަތަމަ ގޯލް އެގާރަވަނަ މިނިޓްގައި މުޙައްމަދު ފައުޒާން ޖަހައިދިނެވެ. ފުލިދޫގެ ދެވަނަ ގޯލް އޭގެ މިނެޓެއް ފަހުން މުޙައްމަދު އިޝާމް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމް 2-2 ން އެއްވަރުވެގެންނެވެ. މެޗު ނިމި ޕެނަލްޓީއަށް ދިޔައިރު ދެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ހާސްވުމުގެ ކުލަވަރު ފެނުނެވެ. ފެލިދޫން އެޓީމްގެ ފުރަތަމަ ޕެނަލްޓީ ޖެހީ އަލީ އަލްސަން އެވެ. މި ޕެނަލްޓީ ކާމިޔާބިވިއެވެ. ފުލިދޫ ޓީމުން ފުރަތަމަ ޕެނަލްޓީ ޖަހަންދިޔައީ މުޙައްމަދު އައިޝަމް ވަހީދެވެ. ހައިޝަމްޖެހި ޕެނަލްޓީ ފެލިދޫ ޓީމްގެ ކީޕަރު ހަމްދާން މަތަކުރިއެވެ. ފެލިދޫގެ ދެވަނަ ޕެނަލްޓީ ޔައިޝް ޖެހިތަނުން ފުލިދޫ ކީޕަރު މަތަކުރިއެވެ. ފުލިދޫގެ ދެވަނަ ޕެނަލްޓީ ހުޝާމް އަބްދުﷲ ޖެހިތަނުން ފެލިދޫ ކީޕަރު މަތަކުރިއެވެ. ފެލިދޫން އެޓީމްގެ ތިންވަނަ ޕެނަލްޓީ ޖެހީ މުޙައްމަދު ޔަފާޢު އެވެ. މި ޕެނަލްޓީ ކާމިޔާބުވިއެވެ. ފުލިދޫ ޓީމްގެ ތިންވަނަ ޕެނަލްޓީ ޖަހަން ދިޔައީ މުޙައްމަދު އިޝާމްއެވެ. މި ޕެނަލްޓީ ކާމިޔާބުވިއެވެ. މެޗުގެ ހަތަރުވަނަ ޕެނަލްޓީ ފެލިދޫ ޓީމުން ޖަހަންދިޔައީ ލިޠާފް އަޙްމަދުފިރާޤް އެވެ. މި ޕެނަލްޓީވެސް ކާމިޔާބުވިއެވެ. ފުލިދޫ ޓީމްގެ ހަތަރުވަނަ ޕެނަލްޓީ ޖަހަންދިޔައީ ޓީމްގެ ކެޕްޓަން އިބްރާހީމް ޝައުފް މުޙައްމަދެވެ. މި ޕެނަލްޓީ ކާމިޔާބުވިއެވެ. މެޗުގެ ފަހު ޕެނަލްޓީ އަދި އެންމެ މުހިންމު ޕެނަލްޓީ ފެލިދޫއަށް ޖަހައިދޭން ދިޔައީ ޓީމްގެ ކެޕްޓަން މުޙައްމަދު އަނޫފެވެ. މި ޕެނަލްޓީ ކާމިޔާބުވެ މުބާރާތުގެ ޗެމްޕިއަންކަން ފެލިދޫއަށް ލިބުނެވެ.

މެޗު ނިމިގެން މުބާރާތުގެ ނަތީޖާ ފާޅުކުރިއެވެ. މެޗުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވީ ވ.ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ފެލިދޫ ޓީމްގެ ކީޕަރު ހަމްދާން މުޙައްމަދު އާރިފަށެވެ. މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ލިބުނީ ކެޔޮދޫ ޓީމްގެ ޖާޒީ ނަންބަރު10 އަޒްޔާން ޢާދަމް ރަޝީދަށެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ފުލިދޫ ޓީމްގެ ޖާޒީ ނަންބަރު 10 މުޙައްމަދު އިޝާމް، ފެލިދޫ ޓީމްގެ ޖާޒީ ނަންބަރު 10 އަލީ އަލްސަން ،ފެލިދޫ ޓީމްގެ  ޖާޒީ ނަންބަރު 03 އަލީ ނަވާޒު، ފެލިދޫ ޓީމްގެ ޖާޒީ ނަންބަރު 20 ޔައިޝް މުސްތަފާ އަދި ފެލިދޫ ޓީމްގެ ކީޕަރު ހަމްދާން މުޙައްމަދު އާރިފް ހިމެނުނެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ލިބުނީ ފެލިދޫ ޓީމްގެ އަލީ އަލްޝަންއަށެވެ.އަލްސަންވަނީ މުބާރާތުގައި 07 ގޯލްޖަހައިދީފައެވެ. މުބާރާތުގެ ފެއާޕުލޭ ޓީމަކަށް ހޮވިފައިވަނީ ފެލިދޫ ޓީމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުނީ ފެލިދޫ ޓީމްގެ ޖާޒީ ނަންބަރު 10 އަލީ އަލްސަންއަށެވެ.