ސެމީގެ ދެ ވަނަ ޖާގަ ފުލިދޫ އަށް

12 ނޮވެމްބަރ 2025 - 20:37

ވ.އަތޮޅު ފުޓްސަލް މުބާރާތުގެ ތިންވަނަ މެޗުގައި ފެލިދޫއާއި ފުލިދޫ ބައްދަލުކުރި މެޗު ފެލިދޫން ކާމިޔާބު ކުރީ 4 - 0 ނެވެ. ސެމީ ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުކުރުމަށް ކުޅެވުނު މެޗުގައި ފެލިދޫން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. މެޗު އެއްވަރުވެގެންވެސް ފައިނަލުން ޖާގަ ފެލިދޫއަށް ކަށަވަރުކުރެވެން އޮތް މެޗުގައި، މެޗުގެ ލީޑް ފެލިދޫއިން ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓްގައި މުޙައްމަދު ޔަފާޢު(ޔާ) ފޮނުވާލި ބާރު ހަމަލާ ފުލިދޫ ޓީމްގެ ކީޕަރުގެ އަތުގައި ޖެހިފައި ވަން ގޯލުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ފެލިދޫ ލީޑްގަ އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން އެއްވަނަ މިނެޓްގައި ފެލިދޫން ދެވަނަ ގޯލްޖެހިއެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ޓީމްގެ ކެޕްޓަން މުޙައްމަދު އަނޫފް ނަގައިދިން ހުރަހަކުން ގޯލް ޖަހައިދިނީ އެ ޓީމަށް ކުޅޭ ރަށުން ބޭރު ކުޅުންތެރިޔާ ޖާޒީ ނަންބަރު 20 ޔައިޝް މުސްތަފާ އެވެ. މެޗުގެ ތިންވަނަ ގޯލްޖެހީ ފެލިދޫ ޓީމަށް ލިބުނު ކޯނަރަކުން މުޙައްމަދު އަނޫފް ނަގައިދިން ބޯޅަ އަލީ އަލްސަން (އައްލޭ) ގޯލަށް ޖަހައިގެންނެވެ. މެޗު ނިމެން އެއް މިނެޓަށްވެފައި ވަނިކޮށް ފެލިދޫން އެ ޓީމުގެ ހަތަރު ވަނަ ގޯލް ޖެހިއެވެ. މި ގޯލްވެސް ޖެހީ ފެލިދޫ ޓީމްގެ އަލީ އަލްސަން އެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ފެލިދޫ ޓީމަށް މޮޅުކުޅުމެއް ދެއްކި އަލީ ނަވާޒު އެވެ. މެޗުން މޮޅުވެގެން ފެލިދޫން ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ކުރާނެ ޓީމެއް އެނގޭނީ 11 ނޮވެންބަރު2025 ގައި އޮންނަ ސެމީފައިނަލުންނެވެ. ބައްދަލުކުރާނީ ކެޔޮދޫއާއި ފުލިދޫ އެވެ.