ފައިނަލުގައި ފެލިދޫ އަދި ފުލިދޫ
ވ.އަތޮޅު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހޯދުމަށް ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗު ފުލިދޫން ކާމިޔާބުކޮށްފިއެވެ. ސެމީ ފައިނަލްގައި ކެޔޮދޫއާއި ވާދަކޮށް 2-0 މެޗުކާމިޔާބުކުރީ ފުލިދޫއެވެ. މެޗުގެ ފުރަތަމަ ގޯލް ދެވަނަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ފުލިދޫ ޓީމްގެ ޖާޒީ ނަންބަރު 7 ހުޝާމް ޢަބްދުﷲ އެވެ. ފުލިދޫން ގޯލް ޖަހައިފައިވަނީ ކެޔޮދޫން ޕެނަލްޓީއަށް ދާނެކަމަށް ޔަގީންކޮށްގެން ތިއްބައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކެޔޮދޫ ޓީމްގެ ޕަވަރޕުލޭ ކުޅުންތެރިޔާ އަޙްމަދު ސާނީ ކުޅެން ނުކުމެފައިވެއެވެ. ކެޔޮދޫއަށް ޕަވަރޕުލޭ ކުޅުންތެރިޔާގެ ބޭނުމެއް ނުކުރެވި ފުލިދޫން މެޗު ނިމެން އެއް މިނެޓަށްވަފައިވަނިކޮށް އެ ޓީމްގެ ދެ ވަނަ ގޯލް މުޙައްމަދު ޙައިޝަމް ޖަހައިދިނެވެ. މި ނަތީޖާއާއި އެކު މެޗު ނިމިގެން ދިޔައެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ފުލިދޫ ޓީމްގެ ގޯލްކީޕަރު ޢާދަމް ޢިނާޒް އެވެ. މި މެޗުގައި ކެޔޮދޫގެ ގިނަ ހަމަލާތަކެއް އޭނާވަނީ ދިފާއުކޮށްފައެވެ. މުބާރާތުގެ ފައިނަލް އޮންނާނީ 13 ނޮވެންބަރު 2025 އެވެ. ބައްދަލުކުރާނީ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ފެލިދޫއާއި ސެމީ ފައިނަލުން މޮޅުވި ފުލިދޫއެވެ.