ކެޔޮދޫ އާއި ފުލިދޫގެ ކުރިމަތިލުން އެއްވަރު
ވ.އަތޮޅު ފުޓްސަލް މުބާރާތުގެ ދެވަނަ މެޗުގައި ކެޔޮދޫއާއި ފުލިދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ވަނީ ނިމިފައެވެ. މުބާރާތުގައި ފުރަތަމަ މެޗުގައި ވާދަކުރީ ކެޔޮދުއާއި ފެލިދޫއެވެ. ކެޔޮދޫއިން ފުރަތަމަ މެޗުން ބަލިވެފައިވުމުން ކުޅުނީ މޮޅަކަށެވެ. މެޗު ފެށިގެން ދެ ޓީމްވެސް ވަރަށް ހަމަހަމަ ކުޅުމެއް ދައްކަމުން ދިޔައެވެ.ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ން ދެ ޓީމް އެއްވަރުވެގެންނެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓްގައި ކެޔޮދޫއަށް ލީޑް ނަގައިދިނީ ކެޔޮދޫ ޓީމްގެ ޖާޒީ ނަންބަރު 7 އިބްރާހީމް ޒާހީއެވެ. ކެޔޮދޫއިން ލަނޑުޖަހާ 2 މިނެޓް ނުވަނީސް ފުލިދޫއިން ނަތީއްޖާ އެއްވަރުކުރިއެވެ. ފުލިދޫގެ ލަނޑުޖަހައިދިނީ އެ ޓީމަށްކުޅޭ ޖާޒީ ނަންބަރު 10 މުޙައްމަދު ޢިޝާމް (ސަންޓޭ) އެވެ. ދެވަނަ ހާފްގެ ބާރަވަނަ މިނެޓްގައި ކެޔޮދޫއިން މެޗުގެ ލީޑް ދެވަނަ ފަހަރަށް ނެގިއެވެ. ޝާނީ ނަގައިދިން ހުރަހަކުން ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) ޖަހައިދިން ގޯލުންނެވެ. ފުލިދޫން މެޗު ހަމަހަމަކޮށްފައިވަނީ ކެޔޮދޫ ޓީމްގެ ކެޕްޓަން އަހްމަދު ރަޝީދު (އައްމަޑޭ) ބައިކޮޅަށް ޖެހި ގޯލުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ފުލިދޫ ޓީމަށް މޮޅުކުޅުމެއް ދެއްކި މުޙައްމަދު ޢިޝާމް (ސަންޓޭ) އެވެ. ކެޔޮދޫން ނަތީޖާ އެއްވަރުވުމުން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކެޔޮދޫއަށް ކަށަވަރުވިއެވެ. ސެމީފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ވާނީ މުބާރާތުގެ ތިންވަނަ މެޗުގައި ފެލިދުއާއި ފުލިދޫ ބައްދަލުކުރާ މެޗުންނެވެ.